ދެ ދޯންޏެއް އެކްސިޑެންޓްވުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި
24 ޖެނުއަރީ 2018 10:21

ދެ ދޯންޏެއް އެކްސިޑެންޓްވުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިހާދިސާގެ މަޢުލޫމާތު މިރޭ 19:00 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ހާބަރކްރާފްޓް 115 ނަންބަރު ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.

މިހާދިސާގައި ދޫނިދޫ ހުޅަނގު ފަރާތާ ދިމާލުން އެކްސިޑެންޓް ވެފައި ވަނީ މާލެއިން ފުރައިގެން ޕެރަޑައިޒް އައިލެންޑް ރިސޯޓަށް ދަތުރުކުރި "ވިލާ ދުވެލި 31" ނަމަކަށް ކިޔާ ދޯންޏަކާއި ކުޑަ ބަނޑޮސް ރިސޯޓުން ފުރައިގެން މާލެ ދަތުރުކުރި "ޝަރަފު" ކިޔާ ދޯންޏެކެވެ.

މިހާދިސާ ހިނގިއިރު "ޝަރަފު" ކިޔާ ދޯނިން 2 އަންހެނުންނާއި 26 ފިރިހެނުންގެ އިތުރުން ދޯނީގެ ފަޅުވެރިންނާއެކު ޖުމްލަ 31 މީހުން ދަތުރުކުރިއެވެ. މިހާދިސާގައި މިދޯނިން ދަތުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ތިން މީހުންނާއެކު މާލެއިން ފުރައިގެން ޕެރަޑައިސް އައިލެންޑް ރިސޯޓަށް ދަތުކުރި "ވިލާ ދުވެލި 31" ދޯނިން ދަތުރުކުރި ފަޅުވެރިއްގެ އަތްކަފައިގެން ދިއުމުގެ ސަބަބުން އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.

މިހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް 115 ނަންބަރު ލޯންޗުން ވަނީ "ޝަރަފު" ދޯނިން ދަތުރުކުރި 28 ފަސިންޖަރުން މިރޭ މާލެ ގެނެސްދީފައެވެ. މިހާދިސާގައި ދެ ދޯންޏަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބުނު ނަމަވެސް އެއްވެސް ދޯންޏެއް ދިޔަ ވެފައެއް  ނުވެއެވެ. މި ދެ ދޯނި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިސްގެ ބެލުމުގެ ދަށުގައެވެ.