މިފްކޯގެ މަސް ބޯޓަކަށް ދިޔަ ވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފި
28 ޖެނުއަރީ 2018 10:43

ޅ.ފެލިވަރު ކައިރީ އޮތް މިފްކޯގެ މަސް ބޯޓަކަށް ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު 15:30 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗެއް ވަނީ ޑައިވަރުންގެ ޓީމާއެކު ފެންހިއްކުމަށް ޕަންޕަކާއި އެކު ބޯޓު އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

"މިފްކޯ 101" ނަމަކަށްކިޔާ މި ބޯޓަށް ދިޔަވާން ފެށިއިރު ބޯޓުގައި 10 ދިވެހިންނާއި 14 ބިދޭސީއަކު ތިބިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފައެވެ.

މި ބޯޓަށް ދިޔަވުން ކޮންޓުރޯލް ކުރުމަށް ބޯޓުގެ ބަނޑު ފިލާގަނޑުން ދިޔަވާތަން ބެއްދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާާޑް ސްކޮޑްރަންގެ ޑައިވަރުން ދަނީ ކުރަމުންނެވެ.