ވައިފުޅި އަޅައިގެން ފީނަން އުޅުމުގެ ތެރޭގައި ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްފި
24 ފެބްރުއަރީ 2018 11:38

ވައިފުޅި އަޅައިގެން ފީނަން އުޅުމުގެ ތެރޭގައި "ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް" (ޑީކޯ) ވި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓްރުގައި މާލެ ގެނެސްފިއެވެ.

ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮތް މި ބަލިމީހާ އަކީ އުމުރުން 41 އަހަރުގެ މީހެކެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިމީހާ ވަނީ އިއްޔެ 53 މީޓަރު ފުންމިނަށް ފީނާފައެވެ. މިމީހާ ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މޭގައި ރިއްސާތީއެވެ.

މި މީހާ ވަނީ މިއަދު ހެނދުނު 9:45 ހާއިރު އެމްއެންޑީއެފް ކުރަނގި ހެލިކެޕްޓަރުގައި މާލެ ގެނެސް އިތުރު ފަރުވާދޭން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.