ކ.ކާށިދޫ ކަނޑުތެރެއަށް ދޯންޏެއް އަޑިއަށް ހިގައްޖެ
01 މާރޗް 2018 09:28

މާލެއިން ފުރައިގެން ޅ.ކުރެންދޫއަށް ދަތުރުކުރި ދޯންޏެއް ކ.ކާށިދޫ ދެކުނުން 2.9 ނޯޓިކަލް މޭލު ބޭރުން ކާށިދޫ ކަނޑުތެރެއަށް އަޑިއަށް ހިނގައްޖެއެވެ.

"ގިޓާނޯ" ނަމަކަށް ކިޔާ މިދޯނި އަޑިއަށްދިޔަ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު ހަވީރު 05:55 ހާއިރު ލިބުމާ ގުޅިގެން ކ.ކާށިދޫގެ ސީ އެމްބިއުލާންސް ވަނީ އެސަރަހަށްދަށް ފޮނުވާލެވިފައެވެ. ސީ އެމްބިއުލާންސް އެސަރަހައްދަށް ގޮސް ބެލި ބެލުމުން އަޑިއަށްދިޔަ ދޯނީގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.

މިހާދިސާ ހިނގިއިރު އެ ދޯނިން ދަތުރުކުރީ ދިވެއްސަކާއި ތިން ބިދޭސީންނާއެކު ޖުމްލަ ހަތަރު މީހުންނެވެ. މިދޯނި އަޑިއަށް ދިޔައީ ދިޔަވެ ޕަންޕު ޖެހުމުން ވެސް ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން ކަމަށާއި މިދޯނީގައި ހުރީ ސިމެންތިއާއި ހިލަ އަދި ދަގަނޑުކަމަށް ދޯނީގެ ކެޕްޓަން ވަނީ އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައި ވެއެވެ.

މިދޯނި އަޑިއަށްދާން ފެށުމުން ދޯނިން ދަތުރުކުރި މީހުން ވަނީ އެސަރަހައްދުން ކ.ގާފަރަށް ދަތުކުރަމުންދިޔަ "މަލަސް މެލޮޑީ" ނަމަކަށް ކިޔާ ދޯންޏަކަށް އަރާފައެވެ. އަޑިއަށް ދިޔަ ދޯނިން ދަތުރުކުރި މީހުން މިހާރު ވަނީ ކ.ކާށިދޫއަށް ގެންގޮސްދީފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިއުޅަނދު އަޑިއަށް ދިޔުމުގެ ސަބަބުން މިއުޅަނދު ގައި ހުރި ބައެއް ތަކެތި ފެންމައްޗަށް އެރުމަކީ އެކަށީގެންވާ ކަމަކަށް ވާތީވެ، މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، އަދި ރޭގަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އިލްޠިމާސްކުރަމެވެ.