މާފަންނު ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސް އިން ނިއްވާލައިފި
06 މާރޗް 2018 17:59

މާލެ ސިޓީ މާފަންނު ސިތާރާ ނަމަކަށް ކިޔާ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައިވަނީ މިއަދު ހަވީރު 15:39 ހާއިރުއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް މާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓިންގ ޓީމް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

އެމްއެންޑީއެފް މާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން ކުރި މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ މިއަދު ހަވީރު 16:51 ހާއިރުއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ގެޔަކީ ބިދޭސީންގެ ބަޔަކު ދިރިއުޅޭ ގެއެކެވެ. މި ގޭގައި އަލިފާން ރޯވެފައިވަނީ ގޭގެ ތިރީގައި ހުރި ބަދިގެއެއްގައި ރޯވެގެންނެވެ. އަދި މި އަލިފާނުގެ އަސަރު މި ގޭގެ ދެވަނަ ފަންގިފިލާއަށް ވަނީ ކޮށްފައެވެ. މި ހާދިސާގައި އަލިފާން ރޯވި ވަގުތު މި ގޭގެ ދެވަނަ ފަންގިފިލާގައި ވެއްޓިފައި އޮތް މީހަކު އެމްއެންޑީއެފް ފަޔަރ ފައިޓިންގް ޓީމުން ވަނީ ނެރެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަލިފާން ރޯވި ސަރަހަށްދަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝާރީފް ޢުމަރު ވަނީ ޒިޔާރަތްކުރައްވާ އެ ސަރަހައްދު ބައްލަވާލައްވާފައެވެ.

މާފަންނު ސިތާރާ ގޭގައި ރޯވި އަލިފާނުގެ ސަބަބުން މި ގެޔަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަހުގީގްކުރަމުންނެވެ.