ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި
10 މާރޗް 2018 06:21

މާލެއިން ފުރައިގެން ރ.އިންނަމާދޫއަށް ދަތުރުކުރި ދޯންޏެއް ދިޔަވާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު މެންދުރު 12:23 ހާއިރު ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓެސެޕްޓަރ ކްރާފްޓް "މާފަތް" ވަނީ ދޯނި އޮތް ސަރަހައްދަށް ދިއުމަށްޓަކައި ފުރާފައެވެ.

ހަތް މީހުންނާއެކު ދަތުރުކުރި މި ދޯނި ދިޔަވާން ފެށިއިރު މި ދޯނި އޮތީ ކ.ގާފަރުގެ ހުޅަނގުން 15 ނޯޓިކަލް މޭލު ބޭރުގައެވެ.

ސިފައިންގެ އެހީތެރިކަމާއެކު ޕަމްޕު ބޭނުންކޮށްގެން ދޯނީގެ ދިޔަގަނޑު ކޮންޓްރޯލް ކުރުމަށްފަހު މިދޯނި ކ.ގާފަރަށް ގެންދިއުމަށް މިހާރު އަންނަނީ ދަތުރުކުރަމުން، މި ދޯންޏަށް ގާފަރަށް ދެވޭނެކަމަށް ލަފާކުރެވެނީ މިއަދު 17:45 ހާއިރުއެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ.