ސިފައިންގެ ދުވަހާ ގުޅިގެން އައްޑޫސިޓީގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ދުވުމެއް ބާއްވަނީ
08 އޭޕްރީލް 2018 14:09

ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅިގެން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ދުވުމެއް ބާއްވަން ނިންމައިފިއެވެ.

"126 ރަން" ނަމުގައި، އެމްއެންޑީއެފް ސަދަން އޭރިއާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި ދުވުން އޮންނާނީ މިމަހުގެ 21 ވާ ހޮނިހިރު ދުވަހުގެ 16:00 ގައެވެ. ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ގުޅުވާލައިގެން ބޭއްވުމަށް ހަމަޖައްސާފައިވާ މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 09 އިން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސ.ހިތަދޫ ފަޔަރ ސްޓޭޝަނުންނާއި ސ.ގަމުގެ ކޯޒްވޭ ސަރަޙައްދުގައި ހުންނަ ކޯސްޓްގާޑު ޕޯސްޓުން ދޫކުރާ ރަޖިސްޓްރީ ފޯމް ފުރުއްވުމަށް ފަހު، ހުށަހެޅުން އެދެމެވެ.

ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ބާއްވާ މި ދުވުމަށް ކަނޑައެޅިފައިވާ ކެޓަގަރީ ތަކަކީ، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރގެ ދުވުމާއި، 5 ކިލޯ މީޓަރުގެ ޓީމު އިވެންޓެވެ. ޓީމު އިވެންޓްގައި ބައިވެރިވެވޭނީ 5 ދުވުންތެރިންގެ ޓީމަކަށެވެ.

މި ދުވުމުގައި، ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރގެ ބައިން އަންހެން، ފިރިހެން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ އެވެ. ޓީމު އިވެންޓުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.