ޗީފް އޮފް ޑިފެންސް ފޯސް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގެންފި
14 އޭޕްރީލް 2018 22:26

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް މިރޭ ފުރާވަޑައިގެންފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް އަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސް، މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ "16 ވަނަ ޑިފެންސް ސަރވިސް އޭޝިއާ އެކްޒިބިޝަން އެންޑް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް އޮންނާނީ މިމަހުގެ 16 އިން 18 އަށެވެ. މި ކޮންފަރެންސްގައި، ދުނިޔޭގެ 60 އަށްވުރެ ގިނަ ޤައުމުތަކަށް ނިސްބަތްވާ ވަފުދުތަކުން ބައިވެރިވާއިރު، އޭގެ ތެރޭގައި ޤައުމުތަކުގެ އަސްކަރިއްޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.