ސްރީލަންކާގެ މަސް ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް ކުޅުދުއްފުއްޓަށް ގެންގޮސްދީފި
15 އޭޕްރީލް 2018 12:35

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ވެރޮން ޕުތާ 02" ނަމަކަށް ކިޔާ ސްރީލަންކާ މަސް ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ނޮދަން އޭރިއާ، ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހދ.ކުޅުދުއްފުއްޓަށް ގެންގޮސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އިއްޔެ މެންދުރެއް ހާއިރު ސްރީލަންކަން ނޭވީ ހެޑްކްއޯޓަރުން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކާއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޓީމެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މި މީހާ އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗުގައި ހދ.ކުޅުދުއްފުއްޓަށް  ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ. މި ހާދިސާގައި ހާލުބޮޑުވެގެން ހދ.ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ  މަސްވެރިކަމުގައި އުޅެނިކޮށް ކުއްލިގޮތަކަށް މެޔަށްތަދުވެގެން އުޅުނު އުމުރުން 47 އަހަރުގެ ސްރީލަންކާ ރައްޔިތެކެވެ.