ސިފައިންގެ ދުވަހާ ގުޅިގެން އައްޑޫސިޓީގައި ބާއްވަން ހަމަޖެއްސި "126 ރަން" އަންނަ މެއި މަހު 5 ވަނަ ދުވަހު ބާއްވަން ނިންމައިފި
26 އޭޕްރީލް 2018 16:55

ސިފައިންގެ 126 ވަނަ އަހަރީ ދުވަހާ ގުޅިގެން އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވަން ހަމަޖެއްސި "126 ރަން" އަންނަ މެއި މަހުގެ 5 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މިމަހުގެ 21 ވަނަ ދުވަހު ކުރިން ބާއްވަން ހަމަޖައްސާފައިއޮތް މި ދުވުން، މީގެކުރިން ފަސްކޮށްފައިވަނީ އައްޑޫސިޓީގެ ދެ ކުއްޖަކު މޫދަށް ގެއްލުމާ ގުޅިގެން އެ ދެ ކުދިން ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިއާއިން ޚާއްޞަ އޮޕަރޭޝަނެއް ފެށުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ސަދަން އޭރިއާއިން އިންތިޒާމްކުރާ މި ދުވުން އޮންނާނީ އެ ދުވަހުގެ 16:00 ގައެވެ. ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ގުޅުވާލައިގެން ބޭއްވުމަށް ހަމަޖައްސާފައިވާ މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. މިގޮތުން، ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސ.ހިތަދޫ ފަޔަރ ސްޓޭޝަނުންނާއި ސ.ގަމުގެ ކޯޒްވޭ ސަރަޙައްދުގައި ހުންނަ ކޯސްޓްގާޑު ޕޯސްޓުން ދޫކުރާ ރަޖިސްޓްރީ ފޯމް ފުރުއްވުމަށް ފަހު، ހުށަހެޅުން އެދެމެވެ.

ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ބާއްވާ މި ދުވުމަށް ކަނޑައެޅިފައިވާ ކެޓަގަރީ ތަކަކީ، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރގެ ދުވުމާއި، 5 ކިލޯ މީޓަރުގެ ޓީމު އިވެންޓެވެ. ޓީމު އިވެންޓްގައި ބައިވެރިވެވޭނީ 5 ދުވުންތެރިންގެ ޓީމަކަށެވެ.

މި ދުވުމުގައި، ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ، 5 ކިލޯ މީޓަރ އަދި 10 ކިލޯ މީޓަރގެ ބައިން އަންހެން، ފިރިހެން ވަކިން އެއްވަނަ، ދެވަނަ އަދި ތިންވަނަ އެވެ. ޓީމު އިވެންޓުން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.