ހުޅުމާލޭގައި އެހެލާފައި އޮތް ބާޖެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްގެ ސިފައިން ނިއްވާލައިފި
26 އޭޕްރީލް 2018 17:06

ހުޅުމާލެ ފޭސް 2 ގައި އެހެލާފައި އޮތް ބާޖެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 11:36 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މިއަދު 16:01 ހާއިރުއެވެ.

މި ހާދިސާގައި އަލިފާން ރޯވި ބާޖަކީ ހުޅުލެ އާއި މާލެ އާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތްތަކުގައި ބޭނުންކުރާ ބާޖެކެވެ. މި ބާޖުގައި ރޯވެފައިވަނީ ދިރުނބާކޮޅުގައެވެ. މި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މި ހާދިސާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުޤީގު ކުރަމުންނެވެ.