ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސިފައިންގެ އާއިލީހަވީރު ރަސްފަންނުގައި ފަށައިފި
27 އޭޕްރީލް 2018 19:10

126 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސިފައިންގެ އާއިލީހަވީރު، ރަސްފަންނުގައި މިއަދު ފަށައިފިއެވެ.

ސިފައިންގެ އާއިލީހަވީރު ހުޅުވުމުގެ ގޮތުން ރަސްފަންނުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އާއިލީހަވީރު ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސްގެ އަނބިކަނބަލުން އަދި ސިފަމާގެ ޗެއަރޕަރޝަން އަލްފާޟިލާ ޙަދީޖާ ނަޢީމްއެވެ.

ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ދެ ދުވަހަށް ކުރިއަށްގެންދާ މި އާއިލީހަވީރުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދާނެއެވެ. މިގޮތުން ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމުގެ ފުރުޞަތު ހުޅުވާލެވިފައިވާއިރު، ކުޑަކުދިންނަށް ޚާއްޞަކޮށްފައިވާ ތަފާތު ކުޅިވަރުތަކާއި ސްޓޯލްތަކުގެ އިތުރުން ކުޑަކުދިންނާ ގުޅޭ އެހެނިހެން ހަރަކާތްތައް ވެސް ދަނީ ބާއްވަމުންނެވެ.

މިއަދު ފެށި އާއިލީހަވީރުގައި ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި އާއިލީ ހަވީރު މާދަމާ ވެސް، ހަވީރު 16:00  އިން 18:00 އަށް ރަސްފަންނުގައި އޮންނާނެއެވެ. އަދި މާދަމާއަކީ މި އާއިލީ ހަވީރުގެ ފަހުދުވަހެވެ.

އާއިލީހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި ޖެނެރަލް އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ ޢާއިލާތަކުން އަދި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ކުޑަކުދިން ބައިވެރިވެފައިވެއެވެ.