މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
07 މެއި 2018 08:05

މާލެއިން ފުރައިގެން ފ.ނިލަންދޫއަށް ދަތުރުކުރި "އެއިމް ކާރގޯ 1" ނަަމަކަށް ކިޔާ ދޯންޏަށް ދިޔަވާތީ އެމްްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 04:50 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން ދޯނި އޮތް ސަރަޙައްދަށް ގޮސް ޕަމްޕު ބަހައްޓައިގެން ދޯނީގައި ހެދިފައިވާ ދިޔަ ގަނޑު ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޖުމްލަ 4000 ބަސްތާގެ ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރަމުން ދަނިކޮށް މިދޯނި އެއްފަރާތަަށް އަރިވުމާއެކު ދޯންޏަށް ބަރުކޮށްފައިވާ ހިލަ އާއި ހިލަވެލި ބަސްތާތައް ކަނޑަށް ދޫވެފައިވާކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. 

މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. 95 ފޫޓުގެ މި ދޯންޏަށް ދިޔަވާން ފަށާފައިވަނީ ދޯންޏަށް ބަރު ކޮށްފައިވާ މުދަލުގެ ސަބަބުން ބަރުބޮޑު ވެގެން ކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ދޯނީގައި ހެދިފައިވާ ދިޔަގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން އިތުރު ސަލާމަތްތެރިކަން ހޯދުމުގެ ގޮތުން ކ.ވާގަލި ކައިރީ ފަޅަކަށް ދޯނި  މިހާރު ވަނީ ބީއްސާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.