ސަތާރަ ފަތުރުވެރިންނާއެކު ދަތުރުކުރި ސަފާރީއެއް ބ.ހަނިފަރު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި
24 މެއި 2018 08:14

17 ފަތުރުވެރިންނާއެކު ބ.ހަނިފަރު ފަރަށް އެރި "މުޒައިފް" ނަމަކަށް ކިޔާ ސަފާރީއަކާއި އޭގެ ޑައިވިންގ ދޯންޏަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 04:42 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެެކު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓާރޒްގައި ބޭނުންކުރާ ހާބަރ ކްރާފްޓް ލޯންޗް ވަނީ ޕަމްޕާއި ޑައިވަރުންގެ ޓީމަކާއެކު ދޯނި ފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. މި ހާދިސާގައި ފަރަށް އެރި ސަފާރީ އާއި އޭގެ ޑައިވިންގ ދޯނި ފުންކުރެވިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރި މަސައްކަތުން މިއަދު 07:58 ހާއިރުއެވެ.

މި ހާދިސާގައި ބ.ހަނިފަރު ފަރަށް އެރި "މުޒައިފް" ސަފާރީގައި 17 ފަތުރުވެރިންނާއި 17 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތު ދެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.