ދަތުރުކުރަމުންދިޔަ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ކޯސްޓްގާޑުން އައްޑޫ ސިޓީ ހިތަދޫއަށް ގެންގޮސްދީފި
25 މެއި 2018 11:12

އިކުއެޓޯރިއަލް ގިނީ ގެ ޕޯޓް އޮފް ބާޓާ ބަނދަރުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ހޮންކޮންގ ގެ "އެމްވީ ޕްރޮސްޕެރިޓީ 103" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ހިތަދޫއަށް ގެންގޮސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިމަހު 23 ވަނަ ދުވަހު މެންދުރު 13:15 ހާއިރުއެވެ. މި ބަލިމީހާ އައްޑޫ ސިޓީ ހިތަދޫއަށް ގެނެސްދިނުމަށް ރޭ ފަތިހު 06:00 ހާއިރު  ޑޮކްޓަރުންގެ ޓީމަކާއެކު ސިފައިން ވަނީ އެ ބޯޓު އޮތް ސަރަޙައްދަށް ދިޔުމަށް ފުރާފައެވެ. މިިބަލިމީހާ އެމްއެންޑީއެެފް ކޯސްޓްގާޑްގެ އުޅަނދަަށް ނަގާފައިވަނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު އައްޑޫ ސިޓީ ގަމުގެ 7 ނޯޓިކަލް މޭލު ބޭރަށް މި ބޯޓު ކައިރިކުރުމުންނެވެ.

މި ބަލި މީހަކީ، އުމުރުން 28 އަހަރުގެ ޗައިނާގެ ރައްޔިތެކެވެ. އަދި، މި ބަލިމީހާ މިއަދު 07:15 ހާއިރު ވަނީ އައްޑޫ ސިޓީ ހިތަދޫއަށް ގެންގޮސްދީފައެވެ.