މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި އޮތް ހާލުބޮޑު ބަލިމީހަކު ސިއްހީ އަވަސް ފަރުވާޔަށް ގދ. ތިނަދޫ އަށް ގެންގޮސްދީފި
07 ޖޫން 2018 14:32

މަސްވެރިކަން ކުރަން އުޅުނު "ވާލި 8" ނަމަކަށް ކިޔާ ދޯނީގެ ފަޅުވެރިއެއްގެ ހާލުބޮޑުވެގެން ސިއްހީ އަވަސް ފަރުވާޔަށް ގދ. ތިނަދޫ އަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއިއެކު ގެންގޮސްދީފިއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ އަށް ލިބިފައިވަނީ މިއަދު މެންދުރު 12:00 ހާއިރުއެވެ. 32 އަހަރުގެ މި ބަލިމީހާއަށް އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ގދ.ތިނަދޫ އާއި 15 މޭލު ދުރުގަ އޮތް މަސްބޮއި ސަރަހައްދުގަ މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ފިޓުޖެހުމާއި ގުޅިގެންނެވެ. މި ހާދިސާ ދިމާވިއިރު މި ދޯނީގައި 22 ފަޅުވެރިން ތިއްބެވެ.

މިކަމުގެ ރިޕޯރޓް ލިބުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގަޑް ސްކޮޑްރަން އިން ވަނީ އެމްއެންޑީއެފް ހާބަރ ކްރާފްޓް ލޯންޗް، "ވާލި 8"  ދޯނި އޮތް ސަރަހަށްދަށް ގޮސް ބަލިމީހާ ލޯންޗަށް ނަގާފައެވެ. މި މީހާ ވަނީ މެންދުރު 13:15 ގައި ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދެވިފައެވެ.