ހުޅުލެއަށް ދަތުރުކުރި ފެރީ ދޯންޏެއް، ހުޅުލޭގެ ނެރުގެ ފައިކަށްޓަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެއްޖެ
11 އޯގަސްޓް 2018 02:23

މާލެއިން ފުރައިގެން ހުޅުލެއަށް ދަތުރުކުރި "ރަންދެލި" ނަމަކަށްކިޔާ ފެރީ ދޯންޏެއް، ހުޅުލެއަށް ވަނުމަށް ދަތުރުކުރަނިކޮށް ހުޅެލޭގައި އަލަށް ބޭނުންކުރަމުންދާ ނެރުގެ ފައިކަށްޓަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާާޑް ސްކޮޑްރަންއިން ހަރަކާތްތެރި ވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ ރޭ ފަތިހު 4:55 ހާއިރުއެވެ.

މި ހާދިސާ ހިނގިއިރު މި ދޯނީގައި ތިން ދަތުރުވެރިންނާއި ތިން ފަޅުވެރިންނާއެކު ޖުމްލަ ހަ މީހުން ދަތުރުކުރިއެވެ. މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާގައި ދޯނީގެ ދިރުނބާކޮޅުން ތަންގަނޑެއް ވަނީ ނައްޓައިގެން ގޮސްފައެވެ. މި ދޯނި ހުޅުލެއަށް ވެއްދި ފަހުން ދޯންޏަށް ދިޔަވެ ދޯނި ވަނީ ހުޅުލެ ފަޅުތެރެއަށް އަޑިއަށް ގޮސްފައެވެ. ދޯނި ފެންމަތިކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންް ދަނީ ހަރަކާތްތެރި ވަމުންނެވެ.