ފަރަށް އެރި ދޯންޏެއްގައި ތިބި ތިން މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މާލެ ގެނެސްދީފި
14 އޯގަސްޓް 2018 07:54

މާލެ އަތޮޅު ބިޔާދޫ އައިލެންޑް ރިސޯޓުގެ ހުޅަނގުގައި އޮތް ފަރަކަށް އެރި "ރޯދި" ނަމަކަށް ކިޔާ ދޯނީގައި ތިބި ތިން މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ރޭ ފަތިހު މާލެ ގެނެސްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ މެންދަމު 01:38 ހާއިރުއެވެ. މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި އެ ސަރަޙައްދަށް ދެވުނު އިރު ދޯނީގައި ތިބި ތިން މީހުން ސަލާމަތްތެރިކަމާއެކު ބިޔާދޫ އައިލެންޑް ރިސޯޓުގެ ދޯންޏެއްގައި ވަނީ އެ ރިސޯޓަށް ގެންގޮސްދީފައެވެ.

މި ހާދިސާގައި ފަރަށް އެރި "ރޯދި" ދޯނި ވަނީ އަޑިއަށް ގޮސްފައެވެ. މިއީ ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާގައި ދޯނިން ސަލާމަތް ކުރެވުނު ތިން މީހުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ބިޔާދޫ އައިލެންޑް ރިސޯޓުން މާލެ ގެނެސްދީފައިވަނީ ރޭ ފަތިހު 04:15 ހާއިރުއެވެ.  

މި ދޯނި އަޑިއަށް ދިއުމާ ގުޅިގެން މި ދޯނިން އޮޔާ ދާ ތަކެއްޗާމެދު އެ ސަރަޙައްދުން ދަތުރުކުރައްވާ އުޅަނދުތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަމެވެ.


Video : 4th Indian Ocean Conference...