އަޟްހާ ޢީދު ބަންދާ ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި
14 އޯގަސްޓް 2018 10:47

އަޟްހާ ޢީދު ބަންދާއި ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މިގޮތުން މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން މިއަދު ހަރަކާތްތެރިވާއިރު، މާލޭގެ ބަނދަރުން ފުރާ އުޅަނދުތަކާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ކޯސްޓްގާޑުން ޗެކްކުރަމުން ގެންދާނެއެވެ. އަދި، އެމްއެންޑީއެފްގެ އޭރިޔާތަކުން ޢީދުބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށުގައި ވެސް މި އޮޕަރޭޝަން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.