ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ސަފާރީއެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
30 އޯގަސްޓް 2018 08:26

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި "ހަމަތި" ނަމަކަށް ކިޔާ ސަފާރީއެއް ވ.ރަކީދޫ ފަރަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް އެމްއާރުސީސީއަށް ރޭ ފަތިހު 5:30 ހާއިރު ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ވެލާނާ" ލޯންޗު ވަނީ ޑައިވަރުންގެ ޓީމަކާ އެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

މ.އަތޮޅުން ފުރައިގެން ކ.ގުރައިދުއަށް ދަތުރުކުރި މި ސަފާރީ ފަރަށް އެރިއިރު ސަފާރީގައި 10 ފަތުރުވެރިންނާއި ޓުއަރގައިޑެއްގެ އިތުރުން ފަސް ފަޅުވެރިން ދަތުރުކުރިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ސަފާރީ ފުންކުރުމުގެ މަސައްކަތް ސަފާރީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.