އެމްއެންޑީއެފުން "ދާލަން ދުވުން – 01" ނަމުގައި 11 ކިލޯމީޓަރުގެ ދުވުމެއް ބާއްވައިފި
02 ސެޕްޓެމްބަރ 2018 14:52

ޕާކިސްތާނު އާމީން ބާއްވާ، "ޕާކިސްތާން އާމީ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓް އެފިޝެންސީ ސިސްޓަމް (ޕޭސަސް)" މުބާރާތުގައި ބައިވެރިވާ ދިވެހި ސިފައިންގެ ޓީމުން "ދާލަން ދުވުން – 01" ނަމުގައި 11 ކިލޯމީޓަރުގެ ދުވުމެއް ސިނަމާލެ ބުރިޖުގައި މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މި ދުވުމުގައި ސިފައިންގެ ޕޭސަސް ޓީމުގައި ހިމެނޭ 20 ބައިވެރިންގެ އިތުރުން މުދައްރިބުންނާއި ޓީމުގެ އޮފިޝަލުން ބައިވެރިވެފައިވެއެވެ. ޕޭސަސް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ބޭއްވި، މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ މާލޭގައި ހުންނަ ވެމްކޯ ސައިޓުން ފެށިގެން ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް ސިނަމާލެ ބުރިޖު މަތިން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ހުރަސްކޮށް ހުޅުމާލޭގެ ފޭސް 2، ސަރަޙައްދުގެ ނިމޭ ހިސާބަށެވެ.

ޖުމްލަ 11.4 ކިލޯމީޓަރުގެ މި ދުވުމުގައި ސިފައިންގެ ޕޭސަސް ޓީމުގެ ހުރިހާ ބައިވެރިން ބައިވެރިވެފައިވާއިރު، އެންމެ އަވަހަށް ނިންމި ބައިވެރިޔާ ދުވުން ނިންމާފައިވަނީ 40 މިނެޓުންނެވެ.

އަންނަ އޮކްޓޯބަރ 8 އިން 14 އަށް ޕާކިސްތާނުގެ ލާހޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ދިވެހި ސިފައިން، ބައިވެރިވާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން 2016 ވަނަ އަހަރު އެ މުބާރާތުގައި ބައިވެރިވެ، ރަނގަޅު ނަތީޖާތަކެއް ދިވެހި ސިފައިންގެ ޓީމުން ވަނީ ނެރެދީފައެވެ.