ސ.ހިތަދޫ ފިހާރައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެއްޖެ
09 ސެޕްޓެމްބަރ 2018 05:54

ސ.ހިތަދޫގައި ހުންނަ "ކައްޓި ހިތްވަރު" ނަމަކަށް ކިޔާ ފިހާރައެއްގައި ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ފަތިހު 04:47 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. އަދި، ފިހާރައިގައި ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 05:25 ގައެވެ.

މިހާދިސާގައި އެ ފިހާރައިގެ 90 އިންސައްތަ ވަނީ އެއްކޮށް އަނދައިގެން ގޮސްފައެވެ. އަދި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. މި ހާދިސާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.