ހުޅުމާލޭ ރެހެންދި ސްކޫލުގެ ދަރިވަރުންނަށް ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ނިންމާލައިފި
22 އޮކްޓޯބަރ 2018 13:53

އެމްއެންޑީއެފް މާލޭ އޭރިއާއިން ހުޅުމާލޭ ރެހެންދި ސްކޫލުގެ ދަރިވަރުންނަށް ހިންގި ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިއްޔެ ހުޅުމާލެ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑަރ ކާނަލް އަބްދުއްރަޢޫފެވެ. މި ރަސްމިއްޔާތުގައި، ފަތަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ، ޝަރަފުވެރި މެހުމާން ކާނަލް އަބްދުއްރަޢޫފެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ކާނަލް އަބްދުއްރަޢޫފްވަނީ ދަރިވަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ދެ ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދޭ ޕްރޮގްރާމުގައި 133 ދަރިވަރުންވަނީ ފާސްވެފައެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބެޗު މިއަހަރުގެ އެޕްރީލް މަހު 8 ން ފެށިގެން މެއި މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު ދެ ވަނަ ބެޗު ކުރިއަށް ގެންގޮސްފައި ވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހުޅުމާލެ މޫދު ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލެ ޕޯސްޓްގެ ސިފައިންނެވެ.

މި ޕްރޮގްރާމުގައި، ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި ފްލޯޓް ކުރާނެ ގޮތް ދަސްކޮށްދީ، ކިކް ޖަހާނެ ގޮތާއި، ފެތުމުގެ ހުނަރުތަކުގެ އިތުރުން މޫދުގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި، މި ޕްރޮގްރާމް ފުރިހަމަ ކުރި ކޮންމެ ދަރިވަރަކީވެސް 25 މީޓަރަށް ފެތޭނެ ދަރިވަރަކަށް ހެދުން މި ޕްރޮގްރާމުގެ މަޤްޞަދުގެ ތެރޭގައި ހިމެނެއެވެ.

މިއީ ދިވެހިރާއްޖޭގެ އެޑިއުކޭޝަންގެ މަންޙަޖުގައި ކަނޑައެޅިފައިވާ މިންވަރަށް ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ގޮތުން ހުޅުމާލެ ރެހެންދި ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް ހިންގުނު ސްވިމިންގ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް މާލެ އޭރިއާގެ އޮފިސަރުންނާއި، ހުޅުމާލެ ރެހެންދި ސްކޫލްގެ އިސްބޭފުޅުންނާއި މި ޕްރޮގްރާމްގެ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ.