ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ވިކްޓްރީ ރަން" މާދަމާ މާލޭގައި ބާއްވާގޮތައް ހަމަޖެހިއްޖެ
03 ނޮވެމްބަރ 2018 14:31

ދިވެހިރާއްޖޭގެ ފަޚުރުވެރި 30 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ބާއްވާ "ވިކްޓްރީ ރަން" މާދަމާ މާލޭގައި ބާއްވާގޮތައް ހަމަޖެހިއްޖެއެވެ.

މާދަމާ ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށިން ފެށުމަށް ހަމަޖެހިފައިވާ މި ދުވުން ކުރިއަށްދާނީ ކަޅުތުއްކަލާކޮށި ދެކުނު ގޭޓުން ނިކުމެގެން އިރަށްގޮސް އިއްޒުއްދީން މަގުން އުތުރަށްގޮސް އަމީނީމަގުން ހުޅަނގަށް ގޮސް ކަނބާ އައިސާރަނި ހިނގުމުން އުތުރަށްގޮސް ބޮޑުތަކުރުފާނުމަގުން އިރަށްގޮސް މާލެ ވަށައި ދުވުމަށްފަހު ކަޅުތުއްކަލާކޮށްޓަށް ނިންމާގޮތަށެވެ.

"ވިކްޓްރީ ރަން" އަކީ އަސްކަރިއްޔާ ތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫޚާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. ވަކިން ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.

ސިފައިންގެ ހުރިހާ ރޭންކެއްގެ ސިފައިން ބައިވެރިވާ މި ހަރަކާތް ކުރިއަށްދާއިރު ޤައުމީ ޝިޢާރު އަދި ސިފައިންގެ އަޒުމް އަޑު ހަރުކޮށް ކިޔަމުން ގެންދާނެއެވެ.