އެކްސަސައިޒް "ދޯސްތީ – 14" ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
26 ނޮވެމްބަރ 2018 13:21

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14" ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

މި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިރަސްމިއްޔާތުގައި މަރުހަބާއާއި ޝުކުރުދެންނެވުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުޙައިރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން އިންޑިއާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ޑައިރެކްޓަރ ޖެނެރަލް ރަޖެންދްރަ ސިންހް އާއި ސްރީލަންކާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ރިއަރ އެޑްމިރަލް ސަމަންތާ ވިމަލަތުންގެ ވެސް ވަނީ ވާހަކަފުޅު ދެއްކެވިއެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ޒަޢާމަތުގައި އޭޝިއާގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމުގައި އަވަށްޓެރި ޤައުމުތަކާއި ގުޅިގެން ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމުގައި ވިދާޅުވިއެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން "އެކްސަސައިޒް ދޯސްތީ 14" ގެ ސަބަބުން ސަރަހައްދުގެ ކަނޑުމަތީގެ ރައްކާތެރިކަމަށް އިތުރު އަމާންކަމެއް ލިބިގެން ދާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަވަށްޓެރި އިންޑިއާއާއި ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ކޯސްޓްގާޑްގެ ސިފައިންނަށް ލިބިގެންދާ އިތުރު ތަމްރީނުތަކާއެކު ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ޔަގީންކުރައްވާކަމަށާއި ދެމެއްޓެނިވި ގޮތެއްގައި އަވަށްޓެރި ޤައުމުތަކާއެކު އަސްކަރީ ގުޅުން އިތުރަށް ޤާއިމުކުރުމުގެ މަސައްކަތްޕުޅުކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ.

މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމުގެ މަޤްޞަދުގައި ބާއްވާ އެކްސަސައިޒެކެވެ. މި އެސްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްގެންދާނީ މާލެއާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.

"އެކްސަސައިޒް ދޯސްތީ – 14" ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާ އާއި ސްރީލަންކާ ކޯސްޓްގާޑުގެ ސެއިލަރުން ބައިވެރިވިއެވެ.