އެފްއާރުއެސްގެ ޚިދުމަތަށް އަލަށް ތަޢާރަފް ކުރި ފަޔަރ ސައިކަލް އަލިފާން ނިއްވުމުގެ ޚިދުމަތަށް ބޭނުންކުރަން ފަށައިފި
01 ޑިސެމްބަރ 2018 13:47

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިގެ ޚިދުމަތަށް އަލަށް  ތަޢާރަފް ކުރި އަލިފާން ނިވާ ދެ ސައިކަލް، އަލިފާން ނިއްވުމުގެ ޚިދުމަތަށް ބޭނުންކުރަން މިއަދު ފަށައިފިއެވެ.

މި ކަމަށްޓަކައި އެމްއެންޑީއެފް ސެނަހިޔަ ކުރިމަތީ އޮންނަ ހުސް ބިމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

މި ރަސްމިއްޔާތު ތައާރަފްކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މި ސައިކަލާއިބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައިވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވާހަކަފުޅުދައްކަވައި މި ދެ ފަޔަރ ސައިކަލް ހިދުމަތަށް ނެރެދެއްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި މިއަދު ތަޢާރަފް ކުރެވުނު މި ދެ ސައިކަލުގެ ސަބަބުން މާލޭގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ވެހިކަލްތަކަށް ނުވަދެވޭ ހަނި މަގުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް އަވަސްކަމާއި އެކު އަލިފާން ނިއްވުމުގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަން ވަނީ ފާހަނގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިހާރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ 2018" ގެ ހަރަކާތެއްވަނީ ދައްކާލާފައެވެ. މިގޮތުން އަލިފާން ރޯވެފައިވާ ކާރެއްގެ އަލިފާން ނިއްވުމުގައި މި ދެ ސައިކަލް ބޭނުންކޮށްގެން ހަރަކާތްތެރިވާތަން ވަނީ ދައްކާލާފައިވެއެވެ.

މިއަދު ތަޢާރަފް ކުރި މި ދެ ސައިކަލަކީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ދިރާގުގެ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ތެރެއިން ދިރާގުން ހަދިޔާކޮށްފައިވާ ދެ ސައިކަލެވެ. މި ސައިކަލުތަކަކީ ޗީފް އޮފް ޑިފެންސް ފޯސްގެ ހިޔާލުފުޅާއި އެއްގޮތްވާގޮތުގެ މަތިން ފަރުމާކުރެވިފާ ދެ ސައިކަލެވެ.

ފަޔަރ ސައިކަލު ފަރުމާކުރުމުގެ މަޤްސަދަކީ ޙާދިސާތަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން އަވަހަށް ގޮސް އަލިފާން ނިއްވުމުގެ ހިދުމަތް ދިނުމުގައި ހަރަކާތެރިވުމެވެ. މި ސައިކަލްގައި ފަޔަރ ބެކްޕެކެއް ބެހެއްޓިފައިވެއެވެ. ދެ ލީޓަރުގެ ކޮމްޕްރެސްޓް އެއަރ ގެ އެހީތެރިކަމާ އެކު ބޭނުންކުރެވޭ މި ފަޔަރ ބެކްޕެކްގައި 10 ލީޓަރުގެ ފެންހިމެނެއެވެ. އަދި ސައިކަލުގެ ދެފަރާތުގައި އަލިފާން ނިވި ހަރުކުރެވިފައިވާއިރު ސައިކަލްގެ ޔޫ ބޮކްސް ތެރޭގައި ބަންދު ތަންތަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތެއް ކަމުގައިވާ ޑީއެސްޕީ (ޑްރައި ސްޕްރިންކްލާ ޕައުޑަރ) އެށް ބެހެއްޓިފައި ވެއެވެ.

މި ސައިކަލް ތަޢާރަފް ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް އާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާނޑަރާ ޖެނެރަލް އޮފިސަރުން އަދި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.


Video : 4th Indian Ocean Conference...