އަލިފާނުގެ ކާރިސާތަކުގައި ބޭނުންކުރާ 24 ފަޔަރ ވެހިކަލް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން އެމްއެންޑީއެފް އާއި ހަވާލުކޮށްފި
04 ޑިސެމްބަރ 2018 18:15

އަލިފާނުގެ ކާރިސާތަކުގައި ބޭނުންކުރާ 24 ފަޔަރ ވެހިކަލް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން އެމްއެންޑީއެފް އާއި މިއަދު ހަވާލުކޮށްފިއެވެ.

ފަޔަރ ވެހިކަލްތައް ހަވާލުކުރުމަށްޓަކައި ކަޅުތުއްކަލާކޮށީގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ މުޝީރު ހިޒް އެކްސެލެންސީ މިސްޓަރ ކެންޓާރޯ ސޮނޯރާއެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި މިއަދު ހަދިޔާ ކުރެވިގެން ދިޔަ އަލިފާ ނިވުމަށް ބޭނުންކުރާ ވެހިކަލްތަކަކީ ނުހަނު ބޭނުންތެރި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ބޭނުން ހިފިގެންދާނެ ވެހިކަލްތަކެއް ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި އިތުރަށް ވާހަކަފުޅު ދައްކަވަމުން 2016 ވަނަ އަހަރު މާލޭގެ ކޯސްޓްލައިން ހާޑްވެއަރ ފިހާރައިގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ހާދިސާއާއި ގުޅިގެން އަލިފާން ނިވާ އާލާތްތަކަށް ބޭނުން ޖެހިފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާކަމަށާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތައްގާއިމް ކުރުމަށް ބައިނަލްއަގްވާމީ އެހީތެރިކަމަށް ބޭނުންޖެހިފައިވަނިކޮށް އެންމެ ފުރަތަމަ އެހީތެރިކަމުގެ ހިއްސާއެއް ވެފައި ވަނީ ޖަޕާނުން ކަން ފާހަނގަކުރައްވާފައިވެއެވެ. މިކަމަށްޓަކައި ޖަޕާނުގެ ސަރުކާރުން ވެދެއްވި އެހީއަށް ޖަޕާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.

މި ރަސްްމިއްޔާތުގެ ޝަރަފުވެރި މެހުމާން ހިޒް އެކްސެލެންސީ މިސްޓަރ ކެންޓާރޯ ސޮނޯރާ ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިއަދު ހަދިޔާކުރެވުނު ޖަޕާނުން އުފައްދާފައިވާ ފަޔަރ ވެހިކަލް ތަކުގެ ސަބަބުން އަލިފާނުގެ ހާދިސާތަކުގައި ރައްކާތެރިވުމަށް ފުޅާ ދާއިރާއެއްގައި ބޭއްނުންކުރެވިގެން ދާނެ ވެހިކަލްތަކެއް ކަމަށް ޔަގީންކުރައްވާ އަދި ކުރި މަގުގައި މިހާރަށްވުރެ  ބޮޑަށް ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ރަހްމަތްތެރިކަމާ އަހްވަަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަކީ ވަރަށް ބޮޑަށް އެދޭކަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މިތަކެތި އެމްއެންޑީއެފް އާއި ހަވާލުކުރެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އެމްއެންޑީއެފް ފަރާތުން މިތަކެއްޗާ ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން އެމްއެންޑީއެފާއި ހަވާލުކުރެއްވި ޑިޒާސްޓަރގައި ބޭނުންކުރާ ތަކެއްޗަކީ  ރާއްޖެއަށް ދިމާވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ކާރިސާތަކަށް އިޖާބަ ދިނުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށްދިނުމުގެ ގޮތުން ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ ތަކެއްޗެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބުނު ހުރިހާ އިކުއިޕްމަންޓްސް 2017 ވަނަ އަހަރު ރާއްޖެ ގެނެސް އެމްއެންޑީއެފް އާއި ވަނީ ހަވާލުކޮށްފައެވެ. ދެ ފިޔައްވައްސަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓްގެ ޖުމްލަ އަގު ގާތްގަނޑަކަށް 9.9 މިލިއަން އެމެރިކާގެ ޑޮލަރަށް އަރައެވެ.

މި ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ތެރެއިން މިއަދު އެމްއެންޑީއެފް އާއި ހަވާލުކޮށްފައިވާ 24 ފަޔަރ ވެހިކަލްގެ ތެރޭގައި 13 ފަޔަރ ފައިޓިންގ ވެހިކަލް، 9 ކެމިކަލް ޓެންޑަރ (ފޯރމް ޓެންޑަރ) ވެހިކަލް އަދި ރެސްކިއު އަށް ބޭނުންކުރާ 2 ޓާންޓޭބަލް ލެޑަރ ވެހިކަލް ހިމެނެއެވެ.

 މި ވެހިކަލްތަކުގެ އިތުުރން 300 ފަޔަރ ފައިޓިންގ ސޫޓް  (ފަޔަރ ފައިޓިންގ ހެލްމެޓް، އަންގި، ބޫޓް އަދި ސޫޓް) ހިމެނޭގޮތަށް އަދި ހަތް ރެސްކިއު ޗެއަރ ވަނީ މިއަދު ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން މިއަދު ލިބުުނު ތިން ވައްތަރުގެ ފަޔަރ ވެހިކަލްތަކުގެ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާ ހިޒް އެކްސެލެންސީ މިސްޓަރ ކެންޓާރޯ ސޮނޯރާ އާ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކަޒުމީ އެންޑޯ އާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާ ޖެނެރަލް އޮފިސަރުންނާ ޔުނިޓްތަކުގެ އިސްވެރިންނާ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިސްވެރިން އަދި ސަރުކާރުގެ ކަމާގުޅުން ހުރި ވުޒާރާތުގެ ވެރިން ބައިވެރިވެފައިވެއެވެ.