އިއްޔެ މާލެ އަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކުގެ މަޢުލޫމާތު އެއްކުރުމުގައި އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
06 ޖެނުއަރީ 2019 18:43

އިއްޔެ މާލެ އަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކުގެ މަޢުލޫމާތު އެއްކުރުމުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން މިއަދު ހަރަކާތްތެރިވާން ފަށައިފިއެވެ.

މި މަސައްކަތުގައި މިއަދު މެންދުރު 1300 ފެށިގެން އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް އެހީތެރިވުމުގެ ގޮތުންނެވެ. މި މަސައްކަތުގެ ތެރެއިން ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް ނެގުމުގައި ބަލަމުންދާ މަޢުލޫމާތު ތަކުގެތެރޭގައި މުދަލަށް ލިބިފައިވާ ގެއްލުންތަކާ ކެއިންބުއިމަށް ބޭނުންކުރާ ސާމާނަށް ލިބިފައިވާ ގެއްލުންތަކާ ކެއްކުމަށް ބޭނުންކުރާ ސާމާނަށް ލިބިފައިވާ ގެއްލުންތަކާ ފަރުނީޗަރުތަކަށް ލިބިފައިވާ ގެއްލުންތަކާ ކަރަންޓު ސާމާނަށް ލިބިފައިވާ ގެއްލުންތަކުގެ އިތުރުން އިމާރާތަށް ލިބިފައިވާ ގެއްލުންތަކެވެ.

މި މަސައްކަތަކީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ ގެ އެދިލެއްވުމުގެ މަތިން އެމްއެންޑީއެފް މާލެ އޭރިއާގެ ސިފައިން ފޯރުކޮށްދެމުންދާ އެހީތެރިކަމެކެވެ.

2018 ޑިސެމްބަރު 5 ވަނަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި އެމްއެންޑީއެފްގެ ސިފައިން ވަނީ މާލޭގެ މަގުތަކުން ފެން ހިއްކުމުގަޔާ ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާ ވެލިބަސްތާ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވެފައެވެ.