ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
07 ޑިސެމްބަރ 2018 08:33

ގދ. ގައި އޮންނަ "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓް" ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެންހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހެއްގެ ހާލު ދެރަވެގެން ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދިއުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިއަދު އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ޙާދިޞާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާ އަށް އަންގާފައިވަނީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުން ފަތިހު 5:14 ހާއިރުއެވެ. މިކަމުގެ ރިޕޯރޓް ލިބުމާއި އެކު ގދ. ތިނަދޫ ސީ އެމްބިއުލާންސް ވަނީ މި ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަ ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 ހާއިރު ގދ. ތިނަދޫ އަށް ގެންގޮސްފައެވެ.

ފީނަން ފޭބި ތިން މީހުންގެ ތެރޭގައި ހިމެނެނީ ހުސް ދިވެހިންނެވެ. މި މީހުންގެ ތެރޭގައި 37 އަހަރާ 24 އަހަރު އަދި 31 އަހަރުގެ މީހެއް ހިމެނެއެވެ. މީގެ ތެރެއިން އުމުރުން 24 އަހަރުގެ ޒުވާނާ ހާލު ދެރަވެގެން އިތުރުފަރުވާޔަށް މާލެ ގެނައުމަށް މަސައްކަތް ދަނީ ކުރަމުންނެވެ. އަދި 37 އަހަރުގެ މީހާގެ ހާލު ވަރަށް ބޮޑުކަމަށާއި 31 އަހަރުގެ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި  އެންހިފުމަށް 4 މީހުން ފުޅި އަޅައިގެން ފީނުމަށް ފައިބާފައިވެއެވެ. އަދި މިމީހުން 44 މީޓަރަށް ވައި ފުޅި އަޅައިގެން 35 މިނިޓުވަންދެން ފީނާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.