ބަންޑުން ޖަހާލި ދޯނީގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މާލެ ގެނެސްދީފި
30 ޑިސެމްބަރ 2018 19:32

މާލެއިން ފުރައިގެން ކ.ކާށިދޫއަށް ދަތުރުކުރި "ގެޓާނޯ 2" ނަމަކަށް ކިޔާ ދޯންޏެއް ކ.ގާފަރު ކައިރިން ބަންޑުން ޖަހާލުމާ ގުޅިގެން އެ ދޯނީގައި ތިބި މީހުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު މިރޭ މާލެ ގެނެސްދީފިއެވެ.

"ގެޓާނޯ 2" ދޯނީގައި ތިބި މީހުން މާލެ ގެނެސްފައިވަނީ މިރޭ 18:45 ހާއިރުއެވެ. މާލެ ގެނައި މީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީންނާއި އެއް ދިވެއްސެކެވެ. މި އެންމެންގެ ހާލު ވެސް ރަނގަޅެވެ.

ގިނަ އަދަދެއްގެ ގަސްކާނާ ހިފައިގެން 4 ބިދޭސީންނާއި އެއް ދިވެއްސަކާއެކު ދަތުރުކުރި "ގެޓާނޯ 2" ނަމަކަށް ކިޔާ ދޯނި، ކ.ގާފަރު ކައިރިން ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 14:33 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު  ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކާއެކު ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ދޮށިމޭނާ ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

މި ހާދިސާގައި ބަނޑުން ޖަހާލި 85 ފޫޓުގެ ދޯނި ކ.ގާފަރުގެ އިރުމަތި ފަރަށް ލައްގާފައިވާއިރު، ދޯނީގައި ތިބި މީހުން ސަލާމަތްކޮށް ގާފަރުގެ ހެލްތު ސެންޓަރަށް ގެންގޮސްދީފައިވަނީ، އެ ރަށު ލޯންޗެއްގެ އެހީތެރިކަމާއެކުއެވެ.