ކުނިބަރުކޮށްގެން ދަތުރުކުރި ދޯންޏަކަށް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި
31 ޑިސެމްބަރ 2018 00:47

ރ.މުރަވަންދޫން ކުނި ބަރުކޮށްގެން ކ.ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ "ދުވެލި" ނަމަކަށް ކިޔާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިރޭ 22:24 ހާއިރުއެވެ. މި ހާދިސާ ހިނގާފައިވަނީ "ދުވެލި" ދޯނި ކ.އަކިރިފުށީގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 17 ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް ކަމަށް ދޯނީގެ ކެޕްޓަން މަޢުލޫމާތު ދީފައިވެއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވިންގ ޓީމަކާއެކު، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) "ދޮށީމޭނާ" ގައި ހާދިސާ ހިނގި ސަރަޙައްދަށް މިރޭ 00:25 ހާއިރު ގޮސް، މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން، ދޯންޏަށް ދިޔަވަމުންދާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީގައި ދޯނީގައި ޕަންޕު ޖައްސައިގެން ދިޔަގަނޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޑައިވަރުންގެ އިރުޝާދާ އެއްގޮތަށް އެ ދޯނި ކ.ތިލަފުއްޓާ ދިމާއަށް ދަނީ މަޑު ދުވެލީގައި ދުއްވަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، 75 ފޫޓްގެ މި ދޯންޏަށް ދިޔަވާން މެދުވެރިވީ، ދޯނީގެ ޝާފްޓް ޓިޔުބްގެ ބޯލްޓެއް ނެއްޓިގެންނެވެ. އަދި ހާދިސާ ހިނގިއިރު، އެ ދޯނީގައި ދިވެއްސަކާއި ތިން ބިދޭސީން ތިއްބެވެ. ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުންވެފައިވާކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.