ތިނަދޫއަށް އެހީތެރިވުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާއިން ހުއްޓާނުލައި ދަނީ ކުރަމުން
05 ޖެނުއަރީ 2019 15:39

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރޭ ގދ. ތިނަދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުންވެ، އަދި ގިނަ މަގުތަކެއްގައި ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން، ރެއިން ފެށިގެން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި މިއަދު ވެސް ދަނީ ކުރަމުންނެވެ.

އެ ރަށުގެ އެކި ހިސާބުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމަށް، އެމްއެންޑީއެފް ސަދަން އޭރިއާ، ގދ. ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން، ރޭ ދަންވަރު 3:00 ހާއިރުން ފެށިގެން ޕަންޕު ބަހައްޓައިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ. ބޯކޮށް ވާރޭވެހި ބޮޑުވި ފެންގަނޑު ހިންދުމަށް ސިފައިން ކުރި މަސައްކަތުން ރޭގެ މެންދަމާއި ހަމައަށް 99 އިންސައްތަ ސަރަހައްދުތަކުގެ ފެން ހިންދާލެވުނެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ރޭ ވާރޭ ވެހުމުގެ ސަބަބުން އިތުރަށް ރަށުގައި ފެންބޮޑުވެފައިވާތީ، އެރަށުގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ހުއްޓާނުލައި މިހާރު ވެސް ދަނީ ކުރަމުންނެވެ. މިގޮތުން، މިއަދު ހެނދުނާ ހަމައަށް އެރަށުގެ އުތުރު ފަރާތުގެ ދެ ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރެވުނުއިރު، މިއަދު މެންދުރުން ފެށިގެން އަބޫބަކުރު ސްކޫލު ކައިރީގައި ފެން ހިއްކުމުގެ މަސައްކަތް ސިފައިން މިހާރު ވެސް ދަނީ ކުރަމުންނެވެ.

ގދ.ތިނަދޫއަށް ކުރި ވިއްސާރައިގައި އެރަށުގެ ބައެއް ގެތަކަށް ފެންވަދެ، ގެއްލުންތަކެއް ވަމުންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ދެ ގެއެއްގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިއަދު ސިފައިން ކޮށްފައިވާއިރު، ފެން ވަންނަމުންދާ އިތުރު ގެތަކުގައި ވެލި ބަސްތާ ޖެހުމަށް ސިފައިން ދަނީ ތައްޔާރުވަމުންނެވެ. އަދި، މި ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވަމުންދާ އެހެނިހެން ދަތިތައް ކުޑަކުރުމުގެ ގޮތުން ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.