ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ
12 ޖެނުއަރީ 2019 13:27

ބ.އަތޮޅުގައި ހިންގާ ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެއެވެ.

މިއަދު ހެނދުނު 11:00 ހާއިރު ހިނގި މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މިއަދު 12:19 ހާއިރުއެވެ.

މި ޙާދިސާގައި އަލިފާން ރޯވެފައިވަނީ އެ ރިސޯޓުގައި ހުންނަ ވަޑާންގޭގެ ގުދަނުގައެވެ. އަދި ހާދިސާ ހިނގުމާއެކު އަލިފާންގަނޑު އިތުރަށް ބޮޑުވެ ފެން އުފައްދާ ޕްލާންޓު ގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި އަލިފާނުގެ ހާދިސާ އާ ގުޅިގެން ހޫނު ވުމުގެ ސަބަބުން އިންޖީނު ގޭގެ ސީލިންގ އާއި ކަރަންޓު ވަޔަރިންގ ގެ ބޮޑުބަޔަކަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.

މި ހާދިސާގައި އަލިފާން ރޯވި ވަޑާންގޭގެ ގުދަނާއި ވަޑާންގޭގެ އިތުރުން ފެން އުފައްދާ ޕްލާންޓާއި އިންޖީނުގެ ހުންނަނީ އެއް އިމާރާތެއްގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.