އެމްއެންޑީއެފްގެ ފަރާތުން، ކ.މާފުށީ ރަށު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2019 15:38

އެމްއެންޑީއެފް މާލޭ އޭރިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން، ކ.މާފުށީ ރަށު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ކ.މާފުށީ ކައުންސިލް އިދާރާގައި މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތުގައި، ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން ލޯކަލް ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ބޭކަލުންނާއި ރަށުގެ ޒުވާނުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިނގުމާ ބެހޭ ގޮތުން ދެ ފަރާތުން މަޝްވަރާކުރުމަށް ބޭއްވެވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރާއި އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފެވެ. އަދި ކ.މާފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް އުޘްމާން ރަޝީދާއި، ނާއިބު ރައީސް އަލްފާޟިލް ނަޝީދާ އާދަމް އަދި އެ ކައުންސިލް އިދާރާގެ އިސް ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.