މަހަށް ފުރިފަހުން ޚަބަރެއް ނުވެގެން އުޅޭ ދޯންޏެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި
27 ޖެނުއަރީ 2019 14:24

މަހަށް ފުރިފަހުން ޚަބަރެއް ނުވެގެން އުޅޭ ދޯންޏެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން މިއަދު ފަށައިފިއެވެ.

"ޖަންބޯ" ނަމަކަށް ކިޔާ 75 ފޫޓްގެ މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހެނދުނު 10:22 ގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި 12 މީހުންނާއެކު މަހަށް ފުރި މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ ލ.އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތްފަހުން، މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 1900 ހާއިރު ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

މި ދޯންޏަކީ ބޭރުގައި އަޅި ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވެއެވެ.

ދޯންޏާއި ބެހޭ މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ވަރަށް ބޮޑުއެދުމެކެވެ. އަދި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވުން އެދެމެވެ.