ކެމިކަލް ރައްކާކުރާ ގުދަންތައް ބަލާ ފާސް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފަށައިފި
27 ޖެނުއަރީ 2019 15:32

ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން، ކެމިކަލް ރައްކާކުރާ ގުދަންތައް ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން، ގުދަން ހަދާފައިވާ ގޮތާއި، ގުދަނުގައި ކެމިކަލް ރައްކާކޮށްފައިހުރި ގޮތާއި، އެތަނުގެ ތެރޭގައި ކަރަންޓް ވަޔަރިންގ ހުރީ ރައްކާތެރިކޮށްތޯ އާއި ޢިމާރާތުގެ ވެންޓިލޭޝަން ހުރި ގޮތް ބަލާ ފާސްކުރަމުން ގެންދާނެއެވެ. މީގެ އިތުރުން އެފަދަ ގުދަންތަކުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިހުރިތޯ އާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަލިފާން ނިވާ އާލާތްތައް ހުރިތޯ ވެސް ބަލާފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ މަޤްޞަދަކީ، ކެމިކަލް ގުދަންހުރި ހާލަތާއި އެތަނުގެ ނުރައްކާތެރިކަން ދެނެގަތުމެވެ. މި ޕްރޮގްރާމް މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެ އެތެރެކުރާ ކެމިކަލް ރައްކާކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ 126 ގުދަނެއް ބަލާ ފާސްކުރުމަށް ހަމަޖެހިފައިވެއެވެ. މިއަދު ފެށި މި ޕްރޮގްރާމަށް ކެމިކަލް ރައްކާކުރާ ގުދަންތަކުގެ ވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.