ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
02 ފެބްރުއަރީ 2019 08:24

ފަރު މަސްވެރިކަމަށް ގޮސް އުޅުނު "މިތުރާ 5" ނަމަކަށް ކިޔާ ދޯންޏެއް ގްރޭންޑް ޕާކް ކޮށްދިއްޕަރު ރިސޯޓުގެ އުތުރުން 4.5 މޭލުގައި އޮތް ފަރަކަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ރޭ 22:10 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވަނީ ޑައިވަރުންގެ ޓީމަކާއެކު ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި ފަރަށް އެރި ދޯނި ނަގިލި އަޅައިގެން ފުން ކުރެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ދޯނީގައި ތިބި 13 މީހުން، ރޭ 03:25 ހާއިރު ވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މާލެ ގެނެސްދީފައެވެ.

މި ހާދިސާގައި ފަރަށް އެރި ދޯނި ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ދޯނީގެ ވެރިފަރާތާ ގުޅިގެން ދަނީ ކުރަމުންނެވެ. މި ހާދިސާގައި ދޯނީގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.