
ލ.ހިތަދޫގެ ދެކުނުން 24 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މާވެހި" ނަމަކަށްކިޔާ ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފިއެވެ.
މިމީހާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު 09:00 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާއެކު، ކޯސްޓްގާޑްގެ އުޅަނދެއްވަނީ އެ ދޯނި އޮތްސަރަހައްދަށް ދިއުމަށްޓަކައި ފުރާފައެވެ.
އުމުރުން 45 އަހަރުގެ މި ފިރިހެން މީހާ އަވަސް ފަރުވާއަށް ލ.ގަމު ރީޖަނެލް ހޮސްޕިޓަލަށް ގެންގޮސްދީފައިވަނީ މިމީހާގެ މެއަށް ތަދެއް އަރައިގެން ނޭވާލުމަށް އުނދަގޫވެ، އެމްއެންޑީއެފްގެ އެހީތެރިކަމަށް އެ ދޯނިން އެދުމުންނެވެ.
ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިއަދު 11:30 ހާއިރު މިމީހާ ވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.