ކުޑަ ދޯންޏެއް ބަންޑުންޖަހާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
13 ފެބްރުއަރީ 2019 23:32

އައްޑޫ ސިޓީ އިސްމެހެލާގެ އިރު އުތުރު ފަރާތުގައި މަސްވެރިކަންކުރަން އުޅުނު ކުޑަ ދޯންޏެއް ބަންޑުންޖަހާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު 09:05 ހާއިރު ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު ކޯސްޓްގާޑް ހާބަރކްރާފްޓް 105 ނަންބަރު ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މި ދޯނި ބަންޑުންޖަހާލުމާ ގުޅިގެން ދޯނީގައި ތިބި ދެ މީހުން އެސަރަހައްދުގައި ހަރަކާތްތެރިވި ޑިންގީއަކަށް ވަނީ ނަގާފައެވެ. އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެސަރަހަށްދަށް ގޮސް ކުރި މަސައްކަތުން ބަންޑުންޖަހާލާފައިވާ ދޯނި ތެދުކުރުމަށްފަހު ވަނީ ދިޔަ ހިއްކާދީފައެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ދޯނި ސ.ހުޅުމީދޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން މިހާދިސާގައި އެހީތެރިވުމުގެ ގޮތުން ސ.ހުޅުމީދޫ ސީއެމްބިއުލާންސް ވެސް އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.