އއ.އަތޮޅުގެ 8 ރަށެއްގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން އެމްއެންޑީއެފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގައިފި
14 ފެބްރުއަރީ 2019 10:47

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރި ކުރުމުގެ ގޮތުން، އއ.އަތޮޅުގެ 8 ރަށެއްގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފަރާތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގައިފިއެވެ.

މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އއ.އަތޮޅުގެ 8 ރަށެއްގައި ވަކިވަކިން ބޭއްވި މި ޕްރޮގްރާމްތައް އަމާޒުކުރީ، ރަށްރަށުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި، މަސްވެރިންގެ އިތުރުން އާންމު ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ބޭފުޅުންނަށެވެ. މި ޕްރޮގްރާމްތަކުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ރަށްރަށަށް ގޮސް، ފަތުރުވެރިންނާއި ރަށުގެ ރައްޔިތުން މޫދަށް އެރިއުޅޭ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ބަލައި، އިތުރަށް ހަރުދަނާކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ރަށްތަކުގެ ކައުންސިލްތަކާ ވަނީ މަޝްވަރާކޮށްފައެވެ. އަދި، މި ޕްރޮގްރާމްގައި ފަތުރުވެރިންނާއި ރައްޔިތުން މޫދަށް އެރި އުޅޭއުޅުމުގައި، ސަލާމަތްތެރިކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތަކާއި ކަނޑު ދަތުރުކުރާއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން، ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ.

ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އއ.އަތޮޅުގެ 8 ރަށުން 207 ފަރާތަކަށް މި ޕްރޮގްރާމް ހިންގާފައިވެއެވެ. މިގޮތުން އއ.އުކުޅަހާއި، އއ.ރަސްދޫއާއި، އއ.ތޮއްޑޫއާއި، އއ.މަތިވެރީގެ އިތުރުން އއ. ބޮޑުފުޅަދޫއާއި، އއ.ފެރިދޫއާއި، އއ.މާޅޮސް އަދި އއ.ހިމަންދޫގައި މި ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ. ރަށްރަށުގައި ހިންގި މި ޕްރޮގްރާމަށް ރަށު ކައުންސިލްތަކުންނާއި ރަށްރަށުގެ ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން، ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.