ދަތުރުކުރަމުން ދިޔަ "ރާވަނާ" ބޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ
17 ފެބްރުއަރީ 2019 22:34

މާލެއިން ފުރައިގެން ދ.ވާނީއަށް ދަތުރުކުރި "ރަވާނާ" ނަމަަކަށްކިޔާ ބޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެެެރިވެއްޖެއެވެ.

މިހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 4:45 ހާއިރު އެމްއެންޑީއެފް އަށް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ދ.ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނާއި މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އަދި ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

16 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ދޯނީގައި އަލިފާން ރޯވުމުން ދޯނީގައި ތިބި މީހުން ވަނީ ލައިފް ޖެކެޓްއަޅައި މޫދަށް ފައިބައިފައެވެ. މި 16 މީހުން މޫދުން ނަގާފައި ވަނީ އެވަގުތު އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ދަންޑަހެލު" ނަމަކަށް ކިޔާ ވެލި ނަގާ ދޯންޏަކުންނެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ދެރަވެގެން ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަމާއެކު އެ މީހާ ވަނީ ފ.ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ދީފައެެވެ.

"ރާވަނާ" ދޯނީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދަނިކޮށް މިއަދު ހެނދުނު 09:45 ހާއިރު އެ ބޯޓް ވަނީ އަޑިއަށް ގޮސްފައެވެ.