އެމްއެންޑީއެފް އިންޓަރ ޔުނިޓް 16 ވަނަ ފުޓްބޯޅަ މުބާރާތް ނިންމާލައިފި
24 ފެބްރުއަރީ 2019 23:49

ކޮމާންޑަރ އިސްމާޢިލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވުނު އެމްއެންޑީއެފް އިންޓަރ ޔުނިޓް 16 ވަނަ ފުޓްބޯޅަ މުބާރާތް ނިންމާލައިފިއެވެ.

ދެ ޑިވިޜަންއަކަށް ބަހާލެވިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ އެއްވަނަ ޑިވިޜަންގެ ޗެމްޕިއަންކަން އެފްއާރުއެސްއަށް ހޯދާފައިވާއިރު ދެވަނަ ޑިވިޜަން ޗެމްޕިއަންކަން ހޯދާފައިވަނީ ޑީއައިއެސް/ޑީއެސްސީ/ބީއެމްޑަބްލިއުގެ ކޮމްބައިން ޓީމެވެ.

މި މަހުގެ 02 ވަނަ ދުވަހުން ފެށިގެން ކުރިއަށްދިޔަ މިމުބާރާތުގެ ފުރަތަމަ ޑިވިޜަންގެ ފައިނަލް މެޗުގައި މިރޭ ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އާއި ޕްރެޒިޑެންޝަލް ގާޑް އަދި އެސްޕީޖީ ކޮމްބައިން ޓީމް ބައްދަލުކޮށް 6 ލަނޑު 0 ލަނޑުން މޮޅުވެ ޗެމްޕިއަންކަން ހޯދާފައިވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމެވެ. އަދި ރޭ ކުޅުނު މިމުބާރާތުގެ ދެވަނަ ޑިވިޜަންގެ ފައިނަލުގައި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ)ގެ ޓީމާއި ޑިފެންސް އިންޓެލިޖެންސް ސަރވިސް، ދިވެހި ސިފައިންގެ ކުލަބް އަދި ބޭންޑް އެންޑް މިއުޒިކް ވިންގު (ޑީއައިއެސް/ޑީއެސްސީ/ބީއެމްޑަބްލިއު)ގެ ކޮމްބައިން ޓީމް ބައްދަލުކުރި މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ޑީއައިއެސް/ޑީއެސްސީ/ބީއެމްޑަބްލިއުގެ ޓީމެވެ.

މިމުބާރާތް ނިންމުމުގެ ގޮތުން އެފްއޭއެމް 1 ނަންބަރު ޓާފް ދަނޑުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މުބާރާތުގެ ރަނަރަޕް ޓީމުތަކަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި މުބާރާތުގެ ފުރަތަމަ ޑިވިޜަނާއި ދެވަނަ ޑިވިޜަންގެ އެކި ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.

މި މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިން އެފްއޭއެމް 2 ވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޑީއެސްސީގެ ޓީމަށް ނަގާފައިވާ 30 ކުޅުންތެރިން ވަނީ އިޢުލާންކޮށްފައެވެ. މީގެ އިތުރުން 1994 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ޔުނިޓްތަކުގެ މެދުގައި ބޭއްވުނު 16 ފުޓުބޯޅަ މުބާރާތުގައިވެސް ކުޅެފައިވާ އެސްޕީޖީ ޕީޖީ ކޮމްބައިން ޓީމުގެ ޖަރޒީ ނަމްބަރު 8 ސާޖަންޓް މުޙައްމަދު ރަޝީދު ފުޓު ބޯޅަައަށް ބަހައްޓަވާ އަހަންމިއްޔަތުކަން ފާހަގަކޮށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިވެހި ސިފައިންގެ ކުލަބުގެ ފަރާތުން ވަނީ ސާޖަންޓް މުޙައްމަދު ރަޝީދަށް ހަނދާނީ ފިލައެއް ހަވާލުކޮށްދީފައެވެ.

ކޮމާންޑަރ އިސްމާޢިލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވުނު އެމްއެންޑީއެފް އިންޓަރ ޔުނިޓް 16 ވަނަ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް ޢަބްދުއްރަޢޫފާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިންނާއި މުބާރާތުގެ ޓީމުތަކުން ބައިވެރިވިއެވެ.