ވެލި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައިގެން ކޯސްޓްގާޑްއިން ހަރަކާތްތެރިވެއްޖެ
26 ފެބްރުއަރީ 2019 10:03

ވެލި ބަރުކޮށްގެން ހުޅުމާލެއަށް ދަތުރުކުރި "ކުރިމަގު" ނަމަކަށްކިޔާ ދޯންޏެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވެއްޖެއެވެ.

ދިވެއްސަކާއި 6 ބިދޭސީންނާއެކު މާލޭ ހުޅަނގު ބަނދަރާއި ދިމާލު ބޭރުން ދަތުރުކުރި މި ދޯނި ބަންޑުން ޖަހާލިކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 08:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި ބިދޭސީއެއްގެ ފަައިގެ ކަށިމަތި ޒަހަމްވެގެން ފަރުވާދީފައިވާއިރު އިތުރު މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މިދޯނީގައި ތިބި މީހުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ މާލެ ގެނެސް ދީފައެވެ.