އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
06 މާރޗް 2019 22:02

އެމްއެންޑީއެފް މާލޭ އޭރިއާ އާއި އއ.މަތިވެރި ކައުންސިލް އިދާރާއާއި ގުޅިގެން މަތިވެރީގައި ހިންގި ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގައި ތަމްރީނު ހޯދި ފަރާތްތައް ހިމަނައިގެން "އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް" އިފްތިތާހުކޮށްފިއެވެ.

ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން އއ.މަތިވެރީ ގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެ ރަށަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އަދި އެ ކަމަނާ ވަނީ ބައިވެރިންނާ މުޚާތަބުކުރައްވައި، ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ވަނީ އއ.މަތިވެރި ކައުންސިލަށް އަލިފާން ނިއްވުމަށް ބޭނުންކުރާ ޕަންޕު ސިސްޓަމެއް ހަދިޔާކޮށްފައެވެ. އެމްއެންޑީއެފްގެ ފަރާތުން މި ޕަންޕު ސިސްޓަމް މަތިވެރި ކައުންސިލް އިދާރާއާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. ކައުންސިލް އިދާރާގެ ފަރާތުން މި ޕަންޕު ސިސްޓަމާ ހަވާލުވެލެއްވީ، ކައުންސިލް އިދާރާގެ ރައީސް އަލްފާޟިލް އިސްމާޢީލް އާތިފެވެ.

މި ރަސްމިއްޔާތުގައި، ޕްރޮގްރާމްގައި ހަރަކާތްތެރިވި މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑިއެފް މާލޭ އޭރިއާގެ ކޮމާންޑަރ، ކާނަލް ޢަބްދުއްރަޢޫފެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުން ވަނީ އަލިފާން ރޯވެއްޖެނަމަ ނިއްވާނެ ގޮތުގެ ޚާއްޞަ ފަރިތަކުރުންތަކެއް ދައްކާފައެވެ.

މިދިޔަ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އއ.މަތިވެރީގެ ޖުމްލަ 23 ފަރާތަކުންވަނީ ބައިވެރިވެފައެވެ.

މަތިވެރީގައި ހިންގުނު މި ޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ހިންގުނު ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މައުލޫމާތު ދީ އެތަކެތި ބޭނުންކުރާނޭ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. މީގެއިތުރުން ފިޒިކަލް ފިޓްނަސް ސެޝަންތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ނޭޝަނަލް ކައުންޓަރ ޓެރަރިޜަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރ ކާނަލް ޢަބްދުއްރަޢޫފާއި ޕްރޮގްރާމްގެ މުދައްރިބުންނާއި، އެމްއެންޑީއެފް މާލޭ އޭރިއާގެ ސިފައިންނާއި އއ.މަތިވެރީގައި ހުންނަ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކުން ބައިވެރިވެލެއްވިއެވެ.