ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިންކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެ
09 މާރޗް 2019 20:39

ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިންކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީޑީއެސްއެސް) އިން ހިންގި 13 ވަނަ ފިޒިކަލް އިންސްޓްރަކްޓަރ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާފަދައިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމުގެ މައިބަދަ ކަމުގައިވާ ދިވެހި ސިފައިންނަކީ ސިފަވަންތަ އަޙްލާޤާއި، ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލް ބަޔަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ދިވެހި ސިފައިންނަކީ ޤައުމަށް ކުރިމަތިވާ ކޮންމެ އުދުވާނަކުން ހުށިޔާރުކަމާއި އަދި ޤާބިލްކަމާއެކު ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢު ކުރަން ތިބޭބައެއް ކަމަށާއި މިކަން ހާސިލުކުރެވޭނީ ސިފައިންނަކީ ދުޅަހެޔޮ އަދި ތަމްރީން ލިބިފައިވާ ޤާބިލް ބައެއްގެ ގޮތުގައި ދެމިތިބެގެން ކަމަށް ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިންކަން ފާހަގަ ކުރައްވައި އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސިފައިން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ. އަދި މިކަން ކުރެވޭނީ އުސޫލުތައް ހަރުދަނާ ކުރެވިގެން ކަމަށާއި މިގޮތުން، ސިފައިންގެ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސީނިއަރ ލީޑަރޝިޕުން މިހާރު ކުރައްވަމުން ގެންދަވާކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި ސިފައިންގެ ވެލްފެއަރ ކަންތައްތައް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައިވެއެވެ.

ކަޅުތުއްކަލާ ކޮށީ ހެވިކަމުގެ މައިދާނުގައި ރޭ ބޭއްވި، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. އަދި މި ކޯސް ފުރިހަމަ ކުރި ސިފައިންނަށް ސެޓްފިކެޓާއި ކަށިގަނޑު ޙަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

13 ވަނަ ފިޒިކަލް ޓްރޭނިންގ އިންސްޓްރަކްޓަރ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ ސްޕެޝަލް ފޯސަސްގައި މަސައްކަތްކުރާ ސާޖަންޓް އަފްރާދު މުޙައްމަދެވެ. އަދި މުޅި ކޯހުން އެންމެ ހަށިހެޔޮ ދަރިވަރަކަށް ހޮވިފައިވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 3 ގައި މަސައްކަތްކުރައްވާ ކޯޕްރަލް މުޙައްމަދު ރަޝީދެވެ.

2018 ޑިސެމްބަރ 8 އިން 2019 މާރިޗު 9 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ކުރިއަށްގެންދިޔަ މި ކޯސް ނިންމުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންގެ ފަރާތުން ވަނީ ޚާއްޞަ ޑިސްޕިލޭއެއް ދައްކާފައެވެ. 

މިރަސްމިއްޔާތުގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް)ގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު އެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެ ޔުނިޓްތަކުގެ ކޮމާންޑަރުންނާއި، ކޯހުގެ މުދައްރިބުންނާއި، އަދި ދަރިވަރުނާއި ދަރިވަރުންގެ ބެލެނިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.