ކުޅުދުއްފުށި ބަނދަރުގައި އޮތް ސީ ކުއީން ބޯޓުގައި ރޯވި އަލިފާން ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފި
15 މާރޗް 2019 15:03

ހދ.ކުޅުދުއްފުށި ބަނދަރުގައި އޮތް "ސީ ކުއީން" ނަމަކަށް ކިޔާ ބޯޓުގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.

މި ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 12:28 ހާއިރުއެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ބޯޓުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ މިއަދު 13:16 ހާއިރުއެވެ.

ބޯޓުގައި ރޯވި އަލިފާން ނިއްވާލި ނަމަވެސް އިންޖީނު ރޫމުގައި ދުން ބޯވެފައި ހުރުމުގެ ސަބަބުން ދުން ބޭރުކުރުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން ބޯޓުގައި ހޫނު ހިފާފައިވާތީ ފެން ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު ބޯޓަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.