އދ. މަހިބަދޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
21 މާރޗް 2019 22:15

އެމްއެންޑީއެފް މާލޭ އޭރިއާ އާއި އދ.މަހިބަދޫ ކައުންސިލް އިދާރާއާއި ގުޅިގެން މަހިބަދޫގައި ހިންގި ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގައި ތަމްރީނު ހޯދި ފަރާތްތައް ހިމަނައިގެން "އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް" އިފްތިތާހުކޮށްފިއެވެ.

ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން އދ.މަހިބަދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލްރަހީމް އަބްދުލްލަޠީފް އެވެ. އަދި މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލްރަޙީމް އަބްދުލްލަޠީފް ވަނީ ބައިވެރިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މަހިބަދޫގައި ހިންގުނު މި ޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ހިންގުނު ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މައުލޫމާތު ދީ އެތަކެތި ބޭނުންކުރާނޭ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ.

މީގެއިތުރުން ފިޒިކަލް ފިޓްނަސް ސެޝަންތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

2019 މާރިޗު 16 ދުވަހުން ފެށިގެން 6 ދުވަހުގެ މުއްދަތަށް ހިނގި މި ޕްރޮގްރާމްގައި ޖުމްލަ 21 ފަރާތަކުން ބައިވެރިވެ މި ތަމްރީނު ފުރިހަމަ ކުރައްވާފައި ވެއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުން ވަނީ އަލިފާން ރޯވެއްޖެނަމަ ނިއްވާނެ ގޮތުގެ ޚާއްޞަ ފަރިތަކުރުންތަކެއް ދައްކާފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލްރަޙީމް އަބްދުލްލަޠީފާއި އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް އަބްދުލް ރައޫފާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން އދ. މަހިބަދޫ ކައުންސިލްގެ މެމްބަރުންނާއި ޕޮރޮގްރާމް ފުރިހަމަކުރި ފަރާތްތަކުން ބައިވެރިވެލެއްވިއެވެ.