ޓެނިސް ކޯޓް ފުރަގަހުގައި ހުރި މުދާތަކުގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި
23 މާރޗް 2019 21:48

މާލެ ސިޓީ ކުޅިވަރު އެކުވެނީގައި ހުންނަ ޓެނިސްކޯޓު ފުރަގަހުގައި ހުރި މުދާތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މިރޭ 18:57 ހާއިރު ހިނގި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުންގެ ޓީމެއް އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިހާދިސާގައި އަލިފާން ރޯވެފައިވަނީ ފުޓްސެލް ދަނޑުތަކުގައި ޓާރފް އެޅުމަށް ބޭނުންކުރާ ސާމާނުތަކެއްގައެވެ. އެފްއާރުއެސްގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވި އަލިފާން 19:40 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު އެސަރަހައްދުގައި ހުރި ބައެއް ސާމާނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހާދިސާގައި އަލިފާން ރޯވި ސާމާނުތައް ހުރި ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި ސިފައިންނާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހަރަކާތްތެރިވެފައެވެ.