ރާއްޖެއިން ބޭރުން އޮފިސަރ ކެޑޭޓް ފުރިހަމަކުރެއްވި 11 ބޭކަލަކު ކަމިޝަން ކުރައްވައިފި
25 މާރޗް 2019 13:23

ރާއްޖެއިން ބޭރުން އޮފިސަރ ކެޑޭޓް ތަމްރީން ފުރިހަމަކުރެއްވި 11 ބޭކަލަކު، ކަމިޝަންކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވައިފިއެވެ.

މިކަމަށްޓަކައި، މިރޭ ބަންޑާރަ ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ކަމިޝަން ކުރެއްވި އޮފިސަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ އަލަށް ކަމިޝަން ކުރެއްވި އޮފިސަރުންނަށް މަރުހަބާ ދަންނަވާ، ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި، ސިފައިންގެ ކަންކަން އިސްލާހުކޮށް ހަރުދަނާކުރުމަށް ޓަކައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ކަމަށާއި މި ފިޔަވަޅުތައް ތަންފީޒުކުރުމުގައި މިއަދުގެ އެމްއެންޑީއެފް ލީޑަރޝިޕާ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ސިފައިންގެ ވެލްފެއަރ ކަންތައް ރަނގަޅު ކުރުމަށް ޓަކައި ޢިލްމާއި ޤާބިލުކަން އިތުރުކުރުމަށް ހަރުދަނާ ޕްލޭންތަކެއް ދަނީ އެކަށައެޅެމުން ކަމަށާއި ސިފައިންގެ ބޯހިޔާވަހިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވައި ތަފްސީލުގޮތެއްގައި އަލިއަޅުއްވާލައްވައި އެކަމަނާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި އަލަށް ކަމިޝަން ކުރެއްވި އޮފިސަރުން ރޭންކް ޙަވާލުކޮށްދެއްވީ، އެ އޮފިސަރުންގެ އާއިލާތަކުގެ މެމްބަރުންނެވެ. މި ރަސްމިއްޔާތުގައި ކަމިޝަން ކުރެއްވި ބޭކަލުންނަކީ، ލެފްޓިނެންޓް އަލީ ފަހުމީ، ލެފްޓިނެންޓް އަޙްމަދު ނާއިދު، ލެފްޓިނެންޓް މުސްޠަފާ މުޙައްމަދު، ލެފްޓިނެންޓް މުޙައްމަދު ޝަރީފް، ލެފްޓިނެންޓް މުޙައްމަދު ރައިހާން، ލެފްޓިނެންޓް ޢަބްދުﷲ ޤިޔާސް، ލެފްޓިނެންޓް ޢަލީ ޝަރީފް، ލެފްޓިނެންޓް ނަޒްމީން ނިޒާމް، ލެފްޓިނެންޓް އާދަމް އަޝްފާޤް، ލެފްޓިނެންޓް ޢަބްދުﷲ ޝާފިޢުގެ އިތުރުން ލެފްޓިނެންޓް އަޙްމަދު ޝާޠިރު އެވެ.

މިރަސްމިއްޔާތުގައި ކަމިޝަންކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. އަދި ރޭންކް ހަރުކޮށްދެއްވީ ކަމިޝަންކުރެއްވި އޮފިސަރުންގެ އާއިލާތަކުންނެވެ.

މި ބޭކަލުންގެ ތެރޭގައި ހިމެނެނީ، އިންޑިޔަން މިލިޓަރީ އެކަޑަމީން އޮފިސަރ ކެޑޭޓް ފުރިހަމަކުރެއްވި 5 ބޭކަލެއްގެ އިތުރުން، ސްރީލަންކަން މިލިޓަރީ އެކަޑަމީން އޮފިސަރ ކެޑޭޓް ފުރިހަމަ ކުރެއްވި 6 ބޭކަލެކެވެ.

މި ބޭކަލުން ކަމިޝަން ކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ޖެނެރަލް އޮފިސަރުންނާއި، ޔުނިޓްތަކުގެ ކޮމާންޑަރުންނާއި، ސާޖަންޓް މޭޖަރުންގެ އިތުރުން، އެކިރޭންކްތަކުގެ ގިނައަދަދެއްގެ ސިފައިންނާއި ކަމިޝަން ކުރެއްވި އޮފިސަރުންގެ އާއިލާތަކުގެ މެމްބަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތު ނިންމާލާފައި ވަނީ ޚާއްޞަ ދުޢާއަކަށްފަހު ސިފައިންގެ ލަވައިންނެވެ.