ވ.ފެލިދޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
28 މާރޗް 2019 20:42

އެމްއެންޑީއެފް މާލޭ އޭރިއާ އާއި ވ.ފެލިދޫ ކައުންސިލް އިދާރާއާ ގުޅިގެން ފެލިދޫގައި ހިންގި ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގައި ތަމްރީނު ހޯދި ފަރާތްތައް ހިމަނައިގެން "އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް" އިފްތިތާހުކޮށްފިއެވެ.

ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން ވ.ފެލިދޫގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޢަބްދުﷲ އިބްރާހީމެވެ. އަދި މިރަސްމިއްޔާތުގައި ކާނަލް ޢަބްދުﷲ އިބްރާހީމް ވަނީ ބައިވެރިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.  މިރަސްމިއްޔާތުގައި އެމްއެންޑީއެފުން ވަނީ ވ.ފެލިދޫ ކައުންސިލަށް އަލިފާން ނިއްވާ ޕަންޕް ސިސްޓަމެއް ހަދިޔާކުރައްވާފައެވެ. މި ޕަންޕް ސިސްޓަމް ފެލިދޫ ކައުންސިލާ ހަވާލުކޮށްދެއްވީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޢަބްދުﷲ އިބްރާހީމްއެވެ. ފެލިދޫ ކައުންސިލްގެ ފަރާތުން ޕަންޕް ސިސްޓަމާއި ހަވާލުވެލެއްވީ ފެލިދޫ ކައުންސިލްގެ ރައީސް ޢަލީ އިސްމާޢީލް އިބްރާހީމް އެވެ.

ފެލިދޫގައި ހިންގުނު މި ޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ހިންގުނު ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މައުލޫމާތު ދީ އެތަކެތި އަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

2019 މާރިޗު 23 ވަނަ ދުވަހުން ފެށިގެން 6 ދުވަހުގެ މުއްދަތަށް އެރަށުގައި ހިނގި މި ޕްރޮގްރާމްގައި ޖުމްލަ 23 ފަރާތަކުން ބައިވެރިވެ ތަމްރީނު ފުރިހަމަ ކުރައްވާފައި ވެއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުން ވަނީ އަލިފާން ރޯވެއްޖެނަމަ ނިއްވާނެ ގޮތުގެ ޚާއްޞަ ފަރިތަކުރުންތަކެއް ދައްކާފައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ކާނަލް އަބްދުއްރަޢޫފާއި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ އިބްރާހީމްގެ އިތުރުން ވ.ފެލިދޫ ކައުންސިލްގެ މެމްބަރުންނާއި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކުން ބައިވެރިވެލެއްވިއެވެ.